ހިތާދޫ އަށް ބޭނުންވާ ބިން ފަޅުތެރެއިން ޖާގަ ލިބުނު އެންމެ ފުޅާ މިންވަރަކަށް ހިއްކައިދޭނަން: މުޢިއްޒު
ހިތާދޫ އަށް ބޭނުންވާ ބިން ފަޅުތެރެއިން ޖާގަ ލިބުނު އެންމެ ފުޅާ މިންވަރަކަށް ހިއްކައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި މިއަދު މެންދުރުފަހު ހިތާދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މުޢިއްޒު ވިދާޅުވީ، ހިތާދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިޔަށް ގެންގޮސް ނިންމައިދެއްވާނެ ކަމަށެވެ.
ހިތާދޫއަށް ބޭނުންވާ ބިން، ފަޅުތެރެއިން ޖާގަލިބުނު އެންމެ ފުޅާ މިންވަރަކަށް ނަގައި އެންވަޔަރުމަންޓް އެސެސްމެންޓެއް ހަދައި، ބިން ހިއްކުމުގެ ކަންތައް ކުރިޔަށް ގެންގޮސްދޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ހަމަ އެހެންމެ ހިތާދޫ ސިއްޙީ މަރުކަޒު ރަނގަޅު ޙާލަތަކަށް ގެނެސްދީ، ލެބޯޓްރީއެއް ހިމެނޭގޮތަށް ތަރައްޤީ ކޮށްދީ ރަށުގެ ތަޢުލީމީ ނިޒާމު ފުޅާކުރުމަށް ސުކޫލަށް ބޭނުންވާ ޖާގައާއި، ސްކޫލަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮށްދީ ނިންމައިދޭނެ ކަމަށް މުޢިއްޒު ވިދާޅުވެފައި ވެއެވެ.
އަދި ހިތާދޫގައި ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަދަނޑެއް ތަރައްޤީ ކޮށްދީ ވޮލީކޯޓެއް ހަދައިދޭނެ ކަމަށް މުޢިއްޒު ވިދާޅުވެފައި ވެއެވެ.