ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން: ޝިޔާމް
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު ބޮޑެތި ޒަޚަމްތަކުގެ ފޮޓޯ އާއިލާއިން ހާމަނުކުރިނަމަ މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެ ހަމަލާ ދޮގުކޮށް އެއީ ނުހިނގާ ކަމަކަށް ހެދާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން ހަމަލާދިން ކަމުގެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަށް ލިބުމުން ވެސް އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިންސާފު ހޯދާ ރައީސް ނަޝީދުގެ އަތުން ނުހައްގުން އަތުލި ޕާޓީ އަލުން އިޔާދަ ކޮށްދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ރައީސް ޝިޔާމް ވިދާޅުވިއެވެ.
"ޔަޤީންކަމެއްތީ. އެ ހަމަލާގެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް ލިބިވަޑައިގަތީމަވެސް ފިޔަވަޅެއް ނޭޅުއްވި. އަދި އެކަން ހިނގައިގެން މިއަދާ ހަމައަށްވެސް ރައީސް ޞާލިހުގެ ޅިޔަނު ލައްވާ ރަނގަޅު ތަޙުޤީގެއް ހިންގެވީކީވެސް ނޫން. ނިގުޅައިގަތް ޕާޓީވެސް ހޯދައިދޭނީ އަޅުގަނޑުމެން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނީވެސް އަޅުގަނޑުމެން" ޝިޔާމް ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް އަދިވެސް އިންސާފު ލިބިފައެއް ނުވެއެވެ. އެމަނިކުފާނުގެ އާއިލާ އާއި އިދިކޮޅުން ދަނީ އިންސާފު ގާއިމްކޮށްދިނުމަށް މިސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވަމުންނެވެ.