ކުޅިވަރު

ބަޔާން އާއި ޕީއެސްޖީގެ ކުރިމަތިލުން، ފޯރިގަދަ މެޗަކަށް ވެގެންދާނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކް އާއި ފުރާންސްގެ ޕީއެސްޖީ ބައްދަލު ކުރާ މެޗު ވެގެން ދާނީ ފޯރިގަދަ މެޗަކަށެވެ. ރާއްޖެ ގަޑިން މިރޭ 00:00ގައި ފެށޭ މި މެޗު ބެލުމަށް އެތައް ބަޔަކު ކެތްމަދުވެފައި ތިބޭނެ ކަން ގައިމެވެ.

Ads by STELCO

ބަޔާނުން ފައިނަލަށް ދަތުރު ކުރި ގޮތަށް ބަލާއިރު ބަޔާން ވަނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެންމެ ގިނަ ބަޔަކު ސަޕޯޓް ކުރާ އެއް ކުލަބު ކަމަށް ވާ ސްޕެއިންގެ ބާސެލޯނާ ، ކުއާޓާ ފައިނަލުގައި ބޮޑު ތަފާތަކުން ބަލި ކޮށްފައެވެ. ބަޔާންގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބަޔާނުން ވަނީ ބާސެލޯނާގެ ކޮޅަށް 8 ގޯލް ކާމިޔާބު ކޮށްފައެވެ. މެޗު ނިމުނީ 8-2 ގެ ނަތީޖާ އަކުންނެވެ. ބަޔާނުން މިހާ ބޮޑު ތަފާތަކުން ބާސެލޯނާ ބަލިކޮށްފައިވާއިރު މި ސަބަބަށް ޓަކައި ގިނަ ބަޔަކު ދަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގު ބަޔާނުން ކާމިޔާބު ކުރާނެ ކަމުގައި ބުނަމުންނެވެ.

ބަޔާނުން ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ލިޔޯން އާއި ދެކޮޅަށް ކުޅެ 3-0 ނަތީޖާ އަކުން ފަސޭހަ މޮޅަކާއެކުއެވެ. ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ބަޔާންގެ ފަރާތުން ފެނިގެން ދިޔައީ ހަލުވި އެޓޭކިންގ ކުޅުމެއް ކަން ފާހަގަ ކުރެވެއެވެ.

ޕީއެސްޖީ އިން ފައިނަލަށް ދަތުރު ކުރި ގޮތަށް ބަލާއިރު ކުއާޓާ ފައިނަލުގައި ޕީއެސްޖީއިން ވާދަކޮށްފައިވަނީ އެޓްލާންޓާ އާއި އެވެ. އެ މެޗުގައި ޕީއެސްޖީ އިން އެޓްލާންޓާގެ މައްޗަށް ކުރި ހޯދައިފައިވަނީ އިތުރު ވަގުތުގައި 2 ގޯލް ޖަހައިގެންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެޓްލާންޓާއިން ޖެހި ގޯލާއި އެކު ލީޑުގައި އެ ޓީމުން ވަނީ މެޗުގެ 90 ވަނަ މިނެޓާއި ހަމައަށް އޮވެފައެވެ. ޕީއެސްޖީއިން ޖެހި ފުރަތަމަ ގޯލަކީ 90 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ. އަދި މެޗުން މޮޅުވި ގޯލަކީ ޕީއެސްޖީ އިން އިތުރު ވަގުތުގެ 3 މިނެޓުގައި ޖެހި ގޯލެކެވެ. މި މޮޅަށް ފަހު ސެމީ ފައިނަލުގައި ޕީއެސްޖީ އިން ވާދަ ކުރަން ޖެހުނީ ޖަރުމަނުގެ ލެއިޕްޒިގްއާއި އެވެ. އެ މެޗުން ލެއިޕްޒިގް ގެ މައްޗަށް ޕީއެސްޖީ އިން ކުރި ހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.

ބަޔާންގެ ޓީމަށް ބަލާލާއިރު އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކަށް ފާހަގަ ކުރެވެނީ ޕޮލެންޑުގެ ލެވަންޑޮސްކީއެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަންޑޮސްކީ ވަނީ ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ސީޒަނުގައި ޖުމްލަ 15 ގޯލު ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި 2 ޕެނަލްޓީ ހިމެނެއެވެ. އަދި ބާސެލޯނާއިން ލޯންގެ ދަށުން ދޫކޮށްފައިވާ ކުޅުންތެރިޔާ ބްރެޒިލްގެ ކުޓީނިއޯ އަދި ޖަރުމަނުގެ ތޯމަސް މުލާ ވެސް ވަނީ މިދިޔަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޕީއެސްޖީގެ ޓީމަށް ބަލާލާއިރު އެންމެ ފާހަގަ ކުރެވެނީ އެމްބާޕޭ، ނޭމާ އަދި ޑިމާރިއާ މި ތިން ކުޅުންތެރިންގެ "ކޮމްބިނޭޝަން" އެވެ. އެންމެ ފަހުން ޕީއެސްޖީއިން ލެއިފްޒިގް އާއި ދެކޮޅަށް ކުޅުން މެޗުގައި މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅުކަން ވަނީ ގިނަ ބަޔަކު ފާހަގަ ކޮށްފައެވެ. އަދި ނޭމާގެ މޮޅު ކުޅުމާއި އެމްބާޕޭގެ ހަލުވި ދުވުން ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގަންފައެވެ.

ދެޓީމަށް ބަލާލާއިރުވެސް މިވެނި ޓީމެއް ދަށޭ ބުނެވޭ ވަރުގެ ޓީމެއް ނެތެވެ. ދެ ޓީމަކީ ވެސް ވަރުގަދަ ދެ ޓީމެވެ. ދެ ޓީމުގެ ކުޅުންވެސް ތަފާތެވެ. ދެ ޓީމުގައިވެސް ހުނަރުވެރި ފާހަގަ ކޮށްލެވޭ ކުޅުންތެރިން ހިމެނެއެވެ. ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލެއް އަލަށް ކުޅޭއިރު ބަޔާން މިއުނިކް އިން ވަނީ 5 ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.

މިރޭގެ މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަން ގައިމެވެ. ނަމަވެސް މެޗެއްގައި ވާނެ ގޮތެއް ކުރީބައިގައި ކިޔުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފޯރިގަދަ މި މެޗު ބެލުމަށް އެތައް ބަޔަކު ކެތްތެރިކަމާއެކު ތިބި އިރު ޗެމްޕިއަންސް ލީގުގެ ތަށި މި އަހަރު އުފުލާލާނީ މި ދެޓީމުން ކުރެ ކޮން ޓީމަކުން ބާވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!