ޚަބަރު ސިޔާސީ

ވީ ކޮންމެ ވައުދެއްވެސް ފުއްދައިދޭނަން: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންނަށް ވެވަޑައިގެންނެވި ކޮންމެ ވައުދެއް ﷲގެ އިރާދަފުޅުން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދެއް ވެވަޑައިގެންނެވި ނަމަ އެ ވައުދެއް ފުއްދަވާނެކަމަށެވެ.

"ތިބޭފުޅުންނަށް ވީ ކޮންމެ ވައުދެއް އެއީ ފުއްދައިނުމަށްޓަކއި ވީވައުދެއް، އެއިން ކޮންމެ ކަމެއް ފުރިހަމައަށް އަދާކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފުރަތަމަ ބުރުގައި އެ ރަށުން މުއިއްޒުއަށް ކުރެއްވި ސަޕޯޓު ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

"ތިބޭފުޅުން ތިޔަ ނިންމެވީ ވަރަށް ރަނގަޅު ވަރަށް މުހިންމު ނިންމުމެއް. އަޅުގަނޑުމެން މިއަދު މިކުރާ ޤައުމީ ވަރުގަދަ މަސައްކަތުގައި ތި ބައިވެރިވަޑައިގަތްކަމީ މިއަދު މި ޤައުމަށް ލިބޭ ހިތްހަމަޖެހުމެއް" މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިލިނގިއްޔަށް ފައިބައިވަޑައިގެންނެވިއިރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންފައިވާއިރު އެ ރަށުން ޕީޕީއެމަށް ގިނަ ބަޔަކު މިއަދު ވަނީ ސޮއި ވެސް ކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވިލިނގިލިން މުޢިއްޒަށް ވަނީ މެޖޯރިޓީ ލިބިފައެވެ. ވިލިނގިލިން އެމަނިކުފާނަށް ވަނީ 871 ވޯޓު ލިބިފައެވެ. އެއީ ވޯޓު ލީ މީހުންގެ 52.03 އިންސައްތައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!