ޚަބަރު ސިޔާސީ

ވޯޓުލާ ވަގުތު މާލޭގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާ!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދުވާލުގެ ވަގުތުތަކުގައި މާލޭގައި ބޮޑެތި އުޅަނދުފަހަރު ދުއްވުން ޓްރާންސްޕޯޓު މިނިސްޓްރީން މަނާކޮށްފިއެވެ.

Ads by MWSC

އެ މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ވަނީ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ، ވޯޓުލުމަށް ދާ މީހުންނަށާއި، ވޯޓުގެ އިދާރީ އަދި ސަލާމަތީ މަސައްކަތަށް ދަތިވުމުގެ ސަބަބުން، މަގުތަކުގައި ހަތަރު ފުރޮޅުލީ ބޮޑެތި އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމާފައިވާކަމަށެވެ.

ދުއްވުން މަނާ ކެޓަގަރީތަކުގައި ހިމެނެނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ"  ކެޓަގަރީގައި ހިމެނޭ އުޅަނދެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ވޭން، ކާރު، މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދާއި ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ބޭނުންކުރާ އުޅަނދުފަހަރެވެ.

ދުއްވުން މަނާ ގަޑިކަމުގައި މިނިސްޓްރީން ހަމަޖައްސާފައިވަނީ ހެނދުނު 6 އިން ރޭގަނޑު 8 އަށެވެ.

މި ކެޓަގަރީތަކުގައި ހިމެނޭ އުޅަނދުފަހަރުގެ ތެރެއިންވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ ޢާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެ ކަމަށް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

މި އުޞޫލާ ޚިލާފަށް ދުއްވާ އުޅަނދުތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!