ޚަބަރު ސިޔާސީ

އެމްޑީޕީގެ އެތެރޭގައި ހުރި މަޤާމުތަކަށް ކުރިމަތިލުމާމެދު ވަކި ގޮތެއް އަދި ނުނިންމަން: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ އެތެރޭގައި ހުރި މަޤާމްތަކަށް ކުރިމަތިލުމާއި ނުލުމުގައި އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިވަގުތު އެމަނިކުފާނުގެ މަސައްކަތަކަށްވެފައިވަނީ ޕާޓީ "ޔުނައިޓު" ކޮށް ހިފެހެއްޓުންކަމަށާއި އެމަނިކުފާނު ސިޔާސީ ގޮތުން ހުންނަވާނެ މަޤާމެއް މިވަގުތު އަދި މުހިންމު ނޫންކަމަށެވެ.

"ޕާޓީ އެތެރޭގައި ހުރި މަޤާމުތަކަށް ކުރިމަތިލުމާއި ނުލުން، އެ އަދި އަޅުގަނޑު ވަކި ގޮތެއް ނުނިންމަން. މިވަގުތު އަޅުގަނޑުގެ މަސައްކަތަކަށްވެފައި އޮތީ ޕާޓި ޔުނައިޓުކޮށް ހިފެހެއްޓުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި އިންތިޚާބަކުން ބަލިވެގެންދާއިރު މާޔޫސްކަމެއް ހުންނާނެކަމަށާއި، ކާމިޔާބު ހޯދުމަށް ޕާޓީން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަމުން ރައީސް ޞާލިޙް ވިދާޅުވީ އިންތިޚާބުން ބަލިވުމުން އެކި ވަރުގެ ލޮޅުން ޕާޓީއަށް އަންނާނެކަމަށެވެ.

"އެ ދަނޑީވަޅުގައި ޕާޓީގެ ލީޑަރޝިޕުގައި ތިބެ ވެރިންގެ ގޮތުގައި ތިބޭ ބައެއްގެ މަސައްކަތަކަށް ވާންޖެހޭނީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޕާޓީ އެއްކޮށް ހިފެހެއްޓުން، އެއީ ޕާޓީއަށާއި މި ރާއްޖެއަށްވެސް އެންމެ ރަނގަޅުގޮތް. އެހެންވީމާ މަޤާމަކަށްވުރެ ބޮޑަށް މިވަގުތު އަޅުގަނޑު މަސައްކަތްކުރަމުން މިދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި، ޔުނައިޓް ކުރުމަށްޓަކައި، ވަރުގަދަ އޮޕޮސިޝަނެއްގައި މަސައްކަތްކުރުމަށްޓަކައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން ކުރަން އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!