ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮމިޓީގެ މަސައްކަތްތައް މަޑުޖެހިފައި އޮތީ އެމްޑީޕީން ނަންތައް ނުފޮނުވައިގެން: ރައީސް ނަޝީދު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތްތައް މަޑުޖެހިފައި އޮތީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކޮމިޓީތަކުގައި ބައިވެރިވާނެ މެންބަރުންގެ ނަންތައް ނުފޮނުވައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މި ދައުރުގެ 7 ވަނަ ޖަލްސާ މިއަދު ބޭއްވިއިރު، ނިޒާމީ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ގޮތެއް ނިންމުމާއި އަދި ޤާނޫނު އަސާސީއަށް އިސްލާޙު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީތަކުގެ ފަރާތުން ކޮމިޓީތަކުގައި ތިއްބަވަން ބޭނުންވާ މެންބަރުންގެ ނަންތައް، އެންމެ ފަހުން ބޭއްވުނު ޖަލްސާގައި ފާސްކޮށްފައިވާނެކަމަށެވެ. ނަމަވެސް އެމަސައްކަތް މަޑުޖެހިފައިވަނީ އެމްޑީޕީގެ ފަރާތުން ކޮމިޓީތަކުގައި ބައިތިއްބަން ބޭނުންވާ މެންބަރުންގެ ނަންތައް ލިބިފައިނުވާތީކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޚާއްސަ ގޮތެއްގައި އެމްޑީޕީން ނުލިބޭ ކަމުން، މި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވި އަޅުގަނޑުމެންނަށް އަދިވެސް މިތިބީ. އެހެންވީމާ އެމްޑީޕީގެ ނަންތައް ލިބި، އަޅުގަނޑުމެންނަށް އެ ނަންތަކަށް ވޯޓަށް އެހި، ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނޭ ކަމަށް އުންމީދު ކުރަމުން މި ދަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދާހަމައަށް ނަންތައް ފޮނުވާފައިވަނީ ޕީޕީއެމް/ޕީއެންސީ އަދި ޑިމޮކްރަޓްސް އިންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!