ކެންޕެއިން ކުރުމަށް ހަރުކޮށްފައިވާ ދިދަފޮތިތަކާއި އެހެނިހެން ތަކެތި ނެގުމަށް އީސީން އިލްތިމާސްކޮށްފި

ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި ކެންޕެއިންގެ ހަރަކާތްތަކަށް ރާއްޖޭގެ އެކި ރަށްރަށުގައި އަދި މާލެ ސަރަޙައްދުގައި ހަރުކޮށްފައިވާ ދިދަފޮތިތަކާއި އެހެނިހެން ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައިވާ ގޮތުގެ މަތިން ދާއިމީ ނަތީޖާ އިޢުލާނުކުރާތާ 10 ދުވަހުގެ ތެރޭގައި ކެންޕެއިންކުރުމަށް ހަރުކޮށްފައިވާ އަދި ދަމާފައިވާ ހުރިހާ ތަކެއްޗެއް ނަގަންޖެހޭނެއެވެ. އެހެންކަމުން މިކަމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން ސަމާލުކަން ދެއްވުމަށް ޙަބީބު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޙަބީބު ވަނީ އިންތިޚާބު ބާއްވާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓުން ކުރި ހުރިހާ މާލީ މުޢާމަލާތް ހިމެނޭ މާލީ ހިސާބު ރިޕޯޓު އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާގޮތުން ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ. މުއިއްޒުއަށް ލިބިވަޑައިގެންނެވީ 129،159 ވޯޓެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ.
މި ރިޔާސީ އިންތިޚާބުގައި ބާތިލް ވޯޓުގެ ގޮތުގައި ޖުމްލަ 7،888 ވޯޓު ގުނާފައިވެއެވެ. 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، ވޯޓުލީ 246،915 މީހުންނެވެ. އެއީ 87.31 އިންސައްތައެވެ.