އިންތިޤާލީ މަރުޙަލާގެ ވެރިއަކަށް އަބްދުއްރަހީމް އައްޔަނުކޮށް ލިޔުން ހަވާލުކޮށްފި
ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާގެ ވެރިއަކަށް ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ، އަދުރޭ ރަސްމީކޮށް އައްޔަންކޮށްފިއެވެ.
އެގޮތުން ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް ރަސްމީކޮށް އައްޔަނުކޮށް، ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ވަނީ އެކަމުގެ ލިޔުން ހަވާލު ކުރައްވައިފަ އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރެވުނު ފަރާތުން ބޭނުން ކުރުމަށް އެކަށީގެންވާ އޮފީހާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުމާއި، އިންތިޚާބީ ރައީސަށް ސަލާމަތާ ރައްކާތެރިކަން ގައުމީ ދިފާއީބާރު މެދުވެރިކޮށް ހަމަޖެއްސުމުގެ ކަންކަން ވިލަރެސް ކުރުން ހިމެނެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު"ގައިވާ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅަކު އެދިވަޑައިގަންނަވާ ގޮތަށް ސީއެސްސީންނެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.