ޚަބަރު ދީން ދުނިޔެ

މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ދުޢާކުރެއްވުމަށް އަދާލަތު ޕާޓީން އިލްތިމާސްކުރައްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ގަދަކީރިތިވަންތަ اللهގެ ކިބަފުޅަށް ދުޢާކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓީން ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

އަދާލަތު ޕާޓީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ތާއަބަދު ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްތީނުގެ އަޚުންނާ އުޚުތުންނާ ދެކޮޅަށް ޞަޙްޔޫނީ ބާރުތަކުން ހިންގަމުންގެންދާ އަނިޔާވެރި ޢުދުވާނުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށް އެދި ދުޢާކޮށްދެއްވުމަށްވެސް އަދާލަތު ޕާޓީންވަނީ އިލްތިމާސްކުރައްވާފައެވެ.

‏އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލަޔަކަށްވާކަމަށް ފާހަގަކުރައްވަމުން އެޕާޓީން ވިދާޅުވީ ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދާފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ އެ ޕާޓީން ދެކޭގޮތުގައި މުސްތަޙީލުކަމެއް ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، އެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށް، ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށް މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

އަދި އެއީ މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލަޙަށްޓަކައި، ޢަރަބި-އިސްލާމީ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ބާރުތަކާއި އަދި މުޅި ބައިނަލްއްޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށާއި އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ގޮވާލައްވާކަމަށްވެސް އެ ޕާޓީން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!