ޚަބަރު ރައްޔިތުންގެ މަޖިލިސް

ޔޫއޭއީގެ ސަފީރަކަށް ޝިއުނީން، ބަންގްލަދޭޝްގެ ސަފީރަކަށް މިދުފާ އައްޔަނުކުރަން މަޖިލީހަށް ފޮނުވައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޝިއުނީން ރަޝީދު (ކ)، މިދުފާ ނަޢީމް (ވ)، ފޮޓޯ: މިހާރު

ދިވެހިރާއްޖެއިން ޔުނައިޓަޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ އާ ސަފީރަކަށް، ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވަމުން ގެންދަވާ މިދުފާ ނަޢީމް ޢައްޔަނުކުރެއްވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ޔޫއޭއީގައި މިހާރު ހުންނެވި ސަފީރު ހ. މިސްޓީލޮޖް، އައިމިނަތު ޝަބީނާގެ ބަދަލުގައި މިދުފާ ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ބަންގްލަދޭޝްގައި މިހާރު ހުންނެވި ދިވެހި ސަފީރު މ. ޒީނާ، ޝިރުޒިމަތު ސަމީރުގެ ބަދަލުގައި ސ. ހުޅުދޫ/އަސަރީގެ، ޝިއުނީން ރަޝީދު ހަމަޖެއްސެވުމަށް ވެސް ރައީސް މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ބަޔާންކޮށްފައިވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމަށްފަހު، މިއަދުގެ ޖަލްސާގައި މިދެބޭފުޅުންނަށް ރުހުން ހޯދުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މިދުފާ އައްޔަނުކުރުމަށް މަޖިލީހަށް ރައީސް ސިޓީ ފޮނުއްވާފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ޝިއުނީން އައްޔަނުކުރުމަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.

މި ދެބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމަށް، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ވަނީ ނިންމަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!