އެފްއޭއެމް އިންތިހާބު ބަލައިގަންނަން: މިނިސްޓަރު މަހްލޫފް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރު ބޭއްވި އިންތިހާބުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިންތިހާބު ބަލައިގަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ އިންތިހާބު ފަސްކޮށް ދިނުމަށް މަހުލޫފް އެދިވަޑައިގެންނެވީ މަޖިލީހުން އެެދިވަޑައިގަތުމުންނެވެ. ނަމަވެސް އެކަން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަހުލޫފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ
ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަހުލޫފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދުނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެދުމުގެ މަތީން ކަމަށާއި ނަމަވެސް އިންތިހާބެއް ފަސްކުރަން ނުވަތަ ނުބާއްވަން އެންގުމުގެ ބާރެއް މިނިސްޓަރަށް ލިބިގެންނުވާ ކަމަށެވެ.
މަހްލޫފް ވިދާޅުވީ އެފްއޭއެމް އިންތިހާބުގައި ނުރަނގަޅު ކަމެއް ހިނގާފައިވާކަމަށް އަމިއްލަފުޅަށް ވެސް ގަބޫލު ނުކުރައްވާ ކަމަށާއި، ކަމާ ބެހޭ ފަރާތްތަކުން ވެސް އެކަމުގެ ޝަކުވާއެއް ނެތް ކަމަށެވެ.
ޝަހީމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވަނީ އެފްއޭއެމްގެ އިންތިހާބު މިނިސްޓްރީން ބަލައިގެންފައިވޭތޯ ސުވާލު ކުރައްވާފައެވެ.
"އޭއެފްސީއާއި، ފީފާއިން ވެސް މި އިންތިހާބު އޮބްޒާވް ކޮށްފައި މީގައި މައްސަލައެއް ނެތް ކަމަށް ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އެބައޮތް. ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އިންތިހާބުގައި މައްސަލައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންގެ މިނިސްޓްރީން ވެސް، އަދި އަޅުގަނޑު ޕާސަނަލީ ވެސް ގަބޫލެއް ނުކުރަން އެފްއޭއެމް އިންތިހާބުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް،" މަހްލޫފް ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންތިހާބުގެ މައްސަލާގައި މީގެ ކުރިންވެސް މިނިސްޓަރު މަހުލޫފް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އަދި އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލު ވެސް ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.