ޚަބަރު

އެމްއެސްއެސް އޯޕަލްގެ ދަތުރުތައް އައްޑޫއަށް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މޯލްޑިވްސް ޝިޕިން ކޮމްޕެނީ (އެމްއެސްއެސް)އިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ގަނެފައިވާ ކޮންޓެއިނަރު އުފުލާ ބޯޓް އެމްއެސްއެސް އޯޕަލްގެ ދަތުރުތައް އައްޑޫއަށް ފަށައިފި އެވެ.

Ads by MWSC

އެގޮތުން އެމްއެސްއެސް އޯޕަލްގެ ފުރަތަމަ ދަތުރުގައި މުދާ ހިފައިގެން އިއްޔެގެ ވަގުތެއްގައި ބަނދަރު ކުރީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ ސަރަހައްދީ ބަނދަރުގައެވެ.

މި ބޯޓުގެ ދަތުރުތައް ފަށާފައިވާއިރު ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިއީ ދުނިޔޭގެ ވިޔަފާރި ބަނދަރުތަކާއި އައްޑޫ ސިޓީ ގުޅާލުމުގެ ބޭނުމުގައި އެމްއެސްއެސް އިން ގަނެފައިވާ ބޯޓެކެވެ.

މިގޮތުން ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ އެމްއެސްއެސް އޯޕަލް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، މާލެ އަށެވެ.

ހަމަ އެހެންމެ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް މި ބޯޓުގެ ބޭނުން ކުރާނެއެވެ.

އެމްއެސްއެސް އޯޕަލް އަކީ ކްރޭންވެސް ހަރުކޮށްފައިވާ ބޯޓެކެވެ. އެހެންކަމުން އައްޑޫ ސިޓީގެ ބަނދަރުގައި މި ވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެއެވެ.

އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ދިގު މިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ. ސިމެންތި ވެސް އުފުލޭ މި ބޯޓަކީ 1553 ޓަނުގެ ޑެޑްވެއިޓު އުފުލޭ ބޯޓެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!