ކުރިއަރ އަދި އެއަރކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 8.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިއަރ އަދި އެއަރކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 8.840 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމަންޓެއް ކަސްޓަމްސްއިން އަތުލައިގެންފައިވާކަމަށާއި އޭގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް އަތުލައިގަނެފައިވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް ޖަރުމަނުވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔަ އިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކް ކުރުމުގެ ތެރޭގައި ކަމަށެވެ.
އެތަކެތީގެ ބަރުދަނުގައި ޖުމްލަ 2250 ގްރާމް ހުރިކަމަށާއި، ދެވަނަ އަށް އަތުލައިގަތް ތަކެތީގައި ޖުމްލަ 3040 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ. ދެވަނަ އަށް އަތުލައިގަތް ޝިޕްމަންޓަކީ މި ހިނގާ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ޝިޕްމަންޓެއްކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތުދެއްވާފައިވެއެވެ.
މީގެ އިތުރުން އެޝިޕްމަންޓެއްގައި ހުރި ޖުމްލަ 5 ދާގީނާގެ އެތެރޭގައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓުތައް ފޮރުވާފައިވާކަން ފާހަގަކުރައްވަމުން ކަސްޓަމްސްއިން ވިދާޅުވީ ދެވަނަ ޝިޕްމަންޓުގެ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކަސްޓަމްސްއިން އަތުލައިގަތް 3 ވަނަ ޝިޕްމަންޓަކީ މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތި ކަމަށާއި އޭގެ ތެރޭފައި ހެރޮއިން ހުރިކަމަށް ކަރެކްޝަންސްއިން ވިދާޅުވެފައިވެއެވެ. އަދި އެތަކެތީގެ ބަރުދަނުގައި ޖުމްލަ 3550 ހުރިއިރު އޭގެ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.
މި ހުރިހާ ޝިޕްމަންޓުތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި ދިވެހި ފުލުހުންނާއި ޙަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތުދެއްވައެވެ.