ފުޅަދޫގެ ކައުންސިލް ރައީސްއާއެކު ގިނަބަޔަކު ޕީއެންސީއަށް!

ބ. ފުޅަދޫގެ ކައުންސިލްގެ ރައީސް ޢަލީ އަޒްހަރު ޕީއެންސީ އަށް ސޮއިކުރުމާއެކު، އެރަސުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ޕާޓީއަށް ސޮއިކޮށް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފަހަތުގައި ތިބުމަށް ބައިއަތު ހިފައިފިއެވެ.
ކުރިން އެމްޑީޕީގައި ހުންނެވި އަޒްހަރު ޕީއެންސީއަށް ސޮއިކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އިއްޔެ ރަށަށް ވަޑައިގަތުމުން ރަށުގެ ގިނަ ރައްޔިތުންނެއްގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް އަޒްހަރު ވިދާޅުވިއެވެ.
އަޒްހަރު ވިދާޅުވީ ފުޅަދޫގެ ހުރިހާ ރައްޔިތުން ތިބީ ޑރ. މުއިއްޒުގެ ސަރުކާރާއެކުކަމަށާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި ވައުދުފުޅުތަކަށް އެރަށުގެ ރައްޔިތުންނަށް އުންމީދު ލިބިފައިވާކަމަށެވެ.

ބ. ފުޅަދޫ ކައުންސިލްގެ ރައީސް ޢަލީ އަޒްހަރާއެކު އެރަށުގެ ގިނަ ރައްޔިތުން ތިބީ އިންތިޚާބީ ރައީސްގެ ފަހަތްޕުޅުގައި، ފޮޓޯ: ޚަބަރު އޮންލައިން
އަޒްހަރު ވިދާޅުވީ އިންތިޚާބީ ރައީސްގެ ސަރުކާރާއެކު ދާއިރާގެ ހުރިހާ ރަށަކަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެކަމަށް ޝައްކުނުކުރައްވާކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 17 ވަނަ ދުވަހުއެވެ.