ދުނިޔެ

މަހަރާޝްތުރާގައި ހުރި އިމާރާތެއް ވެއްޓި 70 މީހުން ތާށިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަހަރާޝްތުރާގެ ރައިގާދުގައި ހުރި އިމާރާތެއް ވެއްޓި 70 މީހުން އޭގެ ދަށުގައި ތާށިވެއްޖެއެވެ.

Ads by Sosun Fihaara

އެންޑީޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާދިސާގެ ސަބަބުން 70 މީހަކު އެއިމާރާތުގެ ދަށުވެ، ދެ މީހަކު މަރުވެ، އަދި 15 މީހަކު ވަނީ ޒަޚަމް ވެސް ވެފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މިއަދު ހިނގި މިހާދިސާގައި ވެއްޓިފައިވަނީ މީހުން ދިރިއުޅުމަށް ހަދާފައިވާ ފަސް ފަންގިފިލާގެ އިމާރާތެކެވެ. އެއިމާރާތުގައި ޖުމްލަ 45 ފްލެޓު ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
މުމްބައި ގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޯންސް ފޯސް (އެންޑީއާރްއެފް) ގެ ތިން ޓީމެއް މިހާރު ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ގޮސްފައެވެ. އެމީހުން އެތަނަށް ދިޔައީ މީހުން ސަލާމަތް ކުރުމަށް ބޭނުންވާނެ އިކުއިޕްމަންޓުތައް ވެސް ހިފައިގެންނެވެ.

ރައިގާދުގެ ގާޑިއަން މިނިސްޓަރ އާދިތީ ޓަތުކާރޭ ވެސް މިހާރު ވަނީ އެސަރަޙައްދަށް ގޮސްފައެވެ.
ހާދިސާ ހިނގި މުޅި އެސަރަޙައްދުވަނީ ދުމުން ފުރިފައެވެ.

ހޯމް މިނިސްޓަރ އަމިތު ޝާހް މިހާދިސާ ސިފަކޮށްފައިވަނީ ވަރަށް ވެސް ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައެވެ. އަމިތު ވިދާޅުވީ މިހާދިސާގެ ހުރިހާ ކަމެއް ރަނގަޅަށް ގާތުން ބެލުމަށާއި އެހީތެރިވުމަށް އެންޑީއާރްއެފް ގެ ޑިރެކްޓަރ ޖެނެރަލް އަށް އަންގާފައިވާނެ ކަމަށެވެ.

ރައިގާދުގައި ހުރި މިއިމާރާތް ވެއްޓެން ޖެހުނު ސީދާ ސަބަބެއް އަދި އޮޅުން ފިލާފައި ނެތް ނަމަވެސް، ރިޕޯޓުތަކުން ބުނާގޮތުގައި އިމާރާތް ވެއްޓުނީ އިންޑިއާގެ އެކި ސަރަޙައްދުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިމާރާތްތަކަށް ލިބެމުން ދިޔަ ގެއްލުންތަކާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!