ޚަބަރު އިޖުތިމާޢީ

ފަލަސްތީނަށް އެހީވުމަށްޓަކައި ދިވެހި ފަންނާނުން އަތުކުރި އޮޅާލައިފި!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުން ގުޅިގެން ހަރަކާތްތަކެއް ބޭވުމަށް އަތުކުރި އޮޅާލައިފިއެވެ.

Ads by Sosun Fihaara

މި ހަފްތާ ބަންދާ ދިމާކޮށް އެކި ހަރަކާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ފިލްމު ފެސްޓިވަލަށް ޓިކެޓު ވިއްކުމުގެ ފަންޑް ރައިސިންގ އިވެންޓްއެއްކަމަށް، މި ހަރަކާތްތައް އިންތިޒާމްކުރާ ކޮމިޓީގެ ޗެއާ އަދި ޕްރޮޑިއުސަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ވަނީ މަޢުލޫމާތު ދީފައެވެ.

ތަފާތު އެކި ފިލްމުތައް އަޅުވާ މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުއެވެ. މި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ މެންދުރު 2:00، ރޭގަނޑު 8:00 އަދި 11:00 ގައެވެ.

"ފެސްޓިވަލުގައި ޖުމްލަ ނުވަ ފިލްމެއް އެޅުވުމަށް ވަނީ ހަމަޖެހިފައި. އެގޮތުން ފިލްމުތަކުގެ އަގަކީ 100 ރުފިޔާ. ނަމަވެސް އެއަށްވުރެ ގިނައިން ހަދިޔާކުރަން ބޭނުންވާނަމަ އެކަން ވެސް ކުރެވޭނެ" ޔޫއްޕެ މަޢުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން މި މަހުގެ 29 ން 31 ވަނަ ދުވަހާއި ހަމައަށް ފިލްމީ ތަރިން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ގެތަކަށާއި، ފިހާރަތަކަށާއި ކެފޭތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި މަސައްކަތްތައް ހުރިތޯ ބަލައި އެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މި ތަރިން މަސައްކަތް ކުރާނީ އުޖޫރައަކަށް ނޫންކަމަށާއި ނަމަވެސް، އެ ތަންތަނުގެ ވެރިފަރާތުން އުޖޫރައެއް ދޭނަމަ އެ ފައިސާ ދާނީ ފަލަސްތީނު ފަންޑަށްކަމަށްވެސް ޔޫއްޕެ ވަނީ މަޢުލޫމާތުދީފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން މި ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހަވީރެކެވެ. ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ ހަވީރު 04:00 ން 06:00 އަށް ކަމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ. އަދި ހޮނިހިރު ދުވަހު މި ހަވިރު އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށްވެސް މަޢުލޫމާތުދީފައިވެއެވެ.

އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވަނީ ޢާންމުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މަސްރޭހެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފިލްމީ ތަރިންނާއި ޢާންމުންނަށް ބައިވެރިވެވޭ މި މަސްރޭހުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މަސް ރޭހުގައި ބައިވެރިވުމަށް ގުޅާނީ 7978825 އަށެވެ.

މި ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުއެވެ. މަސް ރޭހުން ބާނާ މަސްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރަށު މާރުކެޓް ކުރިމަތީގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!