ހަމަ ނިދި ނުލިބޭ ނަމަ އެތައް ގެއްލުންތަކެއް ލިބޭ!
ހެނދުނު ވަޒީފާއަށް ދާން އަވަހަށް ހޭލަން ޖެހޭކަން އެނގި ހުރެ، ރޭގަނޑު ގިނަ ވަގުތު ނުނިދައި ފޯނާ ކުޅެން ނުވަތަ ފިލްމު ބެލުން ފަދަ ކަންކަން ކުރުމަށް ދަންވަންދެން ހޭލައި އުޅެން ހެއްޔެވެ؟ ނުވަތަ އެ ނޫން ވެސް އެހެން ކަންކަމުގައި ދަންވަރު އަވަދި ނެތި އުޅެން ހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ނަމަ އަވަހަަށް ތި އާދަ ދޫކޮށްލާށެވެ. ހަށިގަނޑު ތާޒާކޮށްލުމަށް އެންމެ ބޭނުންވާ ނިދި ހަށިގަނޑަށް ދޭށެވެ.
ހަގީގަތުގައި ރޭގަނޑުގެ ނިންޖަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ހަމަ ނިދި ލިބުމަކީ ތިބާ ނަފްސާނީ ބަލިތަކުން ސަލާމަތް ކޮށްދިނުމުގައި ވެސް ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ކަމެކެވެ.
މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅުނު ނަމަވެސް، ރޭގަނޑުގެ ހަމަ ނިދި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ، ތިބާ ހީ ވެސް ނުކުރާ ފަދަ ނުރައްކާތެރި އަސަރު ހަށިގަނޑަށް ކުރާނެއެވެ. މަސައްކަތުގައި ބުރަވެގެން ނުވަތަ ނުނިދިގެން ނަމަވެސް ކޮންމެ ރެއަކު 7 ނުވަތަ 8 ގަަޑިއިރުގެ ނިދި ނުލިބުމަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް މީހާ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމެކެވެ.މިހާރު ތި އުޅޭ ގޮތަށް ދަންވަރު ނުނިދާ ހަމަ އެންމެ ދެތިން ގަޑިއިރު ނިދައިގެން އުޅޭނަމަ ހަށިގަނޑަށް ވާގޮތް އެނގޭ ހެއްޔެވެ؟
ހަމަ ނިދި ނުލިބުމަކީ ތިބާގެ ދިފާއި ނިޒާމް ވަރަަށް ބޮޑަށް ބަލިކަށި ކޮށްލާ ކަމެކެވެ. މީގެ ސަބަބުން އަޅުގަނޑުމެންނަށް ޖެހޭ އެކި ކަހަލަ ބަލިތަކުން ހަށިގަނޑު ރައްކާތެރި ކުރުމަށް ދިފާއި ނިޒާމު ނުކުޅެދެއެވެ. ރޭގަނޑުގެ ހަމަ ނިދި ނުލިބުމުގެ ސަބަބުން އަހަރެމެންގެ ވިސްނުމަށާއި ސިކުނޑިއަށް ވެސް ނޭދެވޭ އަސަރުތައް ކުރެއެވެ. އެގޮތުން، ހަމަ ނިދި ނުލިބި ހުރެ ރަނގަޅު ނިންމުންތައް ނިންމުމަކީ ވެސް އުނދަގޫ ކަމެކެވެ.
ތިބާއަށް ކޮންމެ ދުވަހަކު ލިބެން ޖެހޭ ހަމަ ނިދި ނުލިބުމަކީ ހަނދާން ބަލިކޮށް ފަސޭހައިން ކަންކަން ހަނދާން ނެތުމަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އުނދަގޫ ވާނެއެވެ. ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން މީހާގެ ބަރުދަން އިތުރުވުމަށް ވެސް މަގުފަހިވެއެވެ. މިހެން ވާން މެދުވެރިވާ ސަބަބަކީ ހަމަ ނިދި ނުލިބުމުގެ ސަބަބުން އަޅުގަނޑުމެންގެ މެޓަބޮލިޒަމް ލަސްކުރުވާ ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިތުރުވެއެވެ.
ހަމަ ނިދި ނުލިބުމުގެ ސަބަބުން މީހާ ފަސޭހައިން މޫޑީވެ ފަސޭހައިން ރުޅި އާދެވެއެވެ. މަސައްކަތެއް ކުރާ ހިތް ނުވުމާ ނުވަތަ މީހުންނާ ވާހަކަ ދައްކާ ހިތް ނުވުމަކީ ވެސް ހަމަ ނިދި ނުލިބޭ ނަމަ ދިމާވެދާނެ ކަންކަމެވެ. މީގެއިތުރުން ހަމަ ނިދި ނުލިބުމަކީ ހަންގަނޑު ހަލާކުވެ މީހާ މޫނުމަތިން އުމުރަށްވުރެ މުސްކުޅި ވައްތަރު ޖެހުމަށް ވެސް މަގުފަހިކުރުވާ ކަމެކެވެ. އެހެން ކަމުން ހަށިގަނޑަށް އަރާމު ލިއްބައިދޭ ފުރިހަމަ ނިދި ލިބޭނެ ގޮތަކަށް ތިބާގެ ތާވަލް މިއަދުން ފެށިގެން ވެސް ރާވައިލުން ބުއްދިވެރިއެވެ.