ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކުރަން ނިންމައިފި

ކޮވިޑް-19އާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކުރަން ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑާއި ގުޅިގެން ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ވަނީ ތިން މަސް ދުވަހަށް ކުޑަކޮށްފައެވެ.
ކުޑަކުރި މުސާރަތައް އަލުން އިޔާދަކުރީ މުސާރަ ކުޑަ ކުރުމަށް ކަނޑައެޅުނު މުއްދަތު ހަމަވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑާއި ގުޅިގެން ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 10،000 ރުފިޔާއަށް ވުރެން މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަތައް ވަނީ ކުޑަކޮށްފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަދި މިނިވަން މުއްސަސާތަކުގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފައެވެ.
މީގެއިތުރުން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ކޮވިޑާއި ގުޅިގެން ހަރަދު ކުޑަކުރުމަށް އެޅި ބައެއް ފިޔަވަޅު އުވާލުމަށް ވެސް އަންގާފައެވެ.