ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވާތީ މެންބަރުން އިހުތިޖާޖަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ ނުބޭއްވުމާއި ގުޅިގެން މެންބަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ރައީސް ނަޝީދު މަޤާމުން ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، މިއަދަށް އެ މައްސަލައިގައި ގޮތެއް ނިންމަން ތާވަލުކޮށްފައިވެއެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވާއިރު، މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އިއުލާނުކުރައްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީވާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް ލިއުމުން އެންގެވީ މިއަދު ހެނދުނު ކަމަށެވެ.
އެކަމާއި ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރު ނުރުހުންފާޅުކުރައްވާ މަޖިލީހުގެ ތަޅުމުގައި ގެންދަވަނީ އިހުތިޖާޖު ކުރައްވަމުންނެވެ. މެމްބަރުން ދަނީ މިއީ ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.