ޚަބަރު

ރައީސް ނަޝީދު މަޤާމުން ވަކިކުރުމާގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އިއްޔެ ކުރިއަށް ނުދިއުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

Ads by Hajj Corporation

އެމްޑީޕީގެ ވަކީލު އަދި ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީން އިއްޔެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފި ކަމަށާއި މިއީ، އެ ކޯޓުން އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރާ ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ ވެސް މަޖިލިހުގެ އިދާރާ އިން ކެންސަލް ކޮށްފައެވެ.

އިއްޔެއަށް ތާވަލު ކުރި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކެންސަލްވުމުން، އެކަމާއި ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

އަދި ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ގަވައިދު ބުނާއިރު، މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ޤަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

އިއްޔެގެ ޖަލްސާ ކެންސަލް ކުރީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވާއިރު، މަޢުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން އީވާ އުޅުއްވަނީ ހުމުގެ އާލާސްކަންފުޅެއްގައެވެ.

ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވަނީކަމަށާއި، ގަސްތުގައި އިއްޔެގެ ޖަލްސާއަށް ވަޑައިނުގެންނެވީކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޑރ. މުޙައްމަދު މުއިއްޒު ހުވާކޮށްފިނަމަ، އެ މަނިކުފާނު ކުރައްވާ ހުވާ ސައްޙަ ނުވާނެކަމަށާއި އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށް ބުނެފައެވެ.

  1. އަބްދޫ

    މަޖިލިސް ތަޅުލައިގެން ނަސީދު އުޅޭ ތީ މަޖިލީހުގެ ތަޅުހުޅުވާފަ ނަސީދު ބޭރުކޮށްލާ އަނެއްކާ ތަޅުލައިގެނ ގޮނޑީގަ ނިދާފަ އޮތީބާ.. މަވޯޓާ ގޮސް ބަލާލަބަލަ.

  2. ދިވެހި އެދުރުން

    މި ފެންނަނީ ގައުމުގެ ފަހުބަސް ބުނެވޭ މަގާމުތަކުގާ އަންހެން ވެރިން ތިބުމުން ގައުމު މިސްރާބުން ނެއްޓި އޮޔާދާތަން. މިވާހަކަ އެބައޮތް ހަދީސްތަކުން ފެންނަން.