ދީން

ބަލިމަޑުކަން ފަދަ މުސީބާތްތަކުން އިބްރަތް ހާސިލްކުރަން ޖެހޭ: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

މުސްލިމު އަޅާގެ މައްޗަށް ވަނީ ބޮޑެތި ބަލިމަޑުކަން ފަދަ މުސީބާތްތަކުން އިބުރަތް ހާސިލް ކުރުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

ބަލި ހާލަތެއް މެދުވެރިވުމުން އަމަލުކުރަންވީ ގޮތުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ މުސްލިމުންގެ މައްޗަށް މުސީބާތެއް މެދުވެރިވުމުން އެކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ސިއްހީ ފިޔަވަޅުތަކާއި ދީނީ އިރުޝާދުތައް ދެނެގަންނަށް ޖެހޭ ކަމަށެވެ.

އަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތްމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން ދަންނަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ ހާލަތު އެއްގޮތެއްގައި ތާއަބަދު ދެމި ނޯންނާނެ ކަމަށެވެ. ދަތިކަމަކަށް ފަހު ފަސޭހަ ކަމެއް އަންނާނެއެވެ. ތަދުމަޑުކަމަކަށްފަހު ތިޔާގި ކަމެއް އަންނާނެއެވެ. މިއީ ދުނިޔޭގައި ކަން ހިނގާ ގޮތެވެ. ހަމަ އެފަދައިން ހިތާމަތަކާއި ހިތްދަތިކަމާއި ހިތްނޭދޭ ކަންކަން ތަހައްމަލް ކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް ހަނދާނަށް ގެންނަން ޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މާތްﷲ މިންވަރުކުރެއްވި ކަމެއް މެނުވީ ކުރިމަތި ނުވާނެ ކަން ހިތުގެ އަޑިން ގަބޫލުކޮށް ﷲ އަށް ވަކީލުކޮށް ޘަވާބާއި ދަރުމައަށް އެދޭ ހާލު ކެތްތެރިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. މިގޮތަށް ﷲ އަށް ކެތްތެރިވާ އަޅުތަކުންނަށް އުފާވެރިކަމުގެ ހަބަރު ދެއްވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ބައެއް ފަހަރު މެދުވެރިވާ ކަންކަމަކީ ކިތަންމެ ހިތް ނޭދޭ ކަންކަން ކަމުގައި ވީ ނަމަވެސް އެކަންކަމުގެ ފަހަތުގައި އަހަރެމެންނަށް ހެވެއް އޮވެދާނެ ކަމަށެވެ.

"އާންމު ސިއްހަތުގެ ނާރެހަކީ ސާފުތާހިރުކަމެވެ. އަދި އިސްލާމް ދީނަށްވުރެ ބޮޑަށް ސާފުތާހިރު ކަމަށް ބާރުއަޅާފައިވާ އެހެން ދީނެއް ނުވެއެވެ. އެހެންކަމުން ސާފުތާހިރުކަމަށް ވަރަށް ބޮޑަށް މުހންމުކަމެއް ދޭންޖެހެއެވެ. ކެއުމުގެ ކުރިން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުން ފަދަ އިސްލާމީ އަދި ސިއްހީ އަދަބުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މަގުމައްޗަށް ކުޅުޖެހުމާއި އަރިދަފުސް ފޮޅުން ފަދަ ނުރަނގަޅު އާދަތަކުން އަބަދުވެސް އެއްކިބާވާން ޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!