އިންސާނާއަށް ކުރިމަތި ކުރައްވާ ބޮޑެތި އިމްތިހާނުތަކުގެ ތެރޭގައި ބަލިވުން ހިމެނޭ: ޚުތުބާ

އިންސާނާއަށް ކުރިމަތި ކުރައްވާ ބޮޑެތި އިމްތިހާނުތަކުގެ ތެރޭގައި ބަލިވުން ހިމެނޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ބަލިމީހުންނަށް ޒިޔާރަތްކުރުން" މިއެވެ.
ހުތުބާގައި ބުނެފަައިވަނީ ދުނިޔޭގައި ކޮންމެ މީހަކުވެސް ބަލިވާނެ ކަމަށާއި ތަދާއި ވޭނާއި, ކެކުޅުން ފަދަ ކަންކަމަކީ މާތްالله ކުރިމަތިކުރައްވާ އިމްތިހާނުތަކެއް ކަމަށެވެ.
އަދި މިކަންކަން ތަހައްމަލު ކުރަން ނުޖެހޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ބަލިމަޑުކަމާއި ކުރިމަތިވުމުން ނޫނީ, ދުޅަހެޔިކަމާއި އާފިޔަތުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
މާތްالله އަށް އަދާކުރަން ޖެހޭ ވާޖިބުތަކާއި ތިމާ އަދާކުރަންޖެހޭ ހައްގުތައް އަދާ ކުރެވޭނީ ސިއްހަތާއި ދުޅަހެޔޮކަން ލިބިގެން ކަމަށާއި ސިއްޖަތާއި ދުޅަހެޔޮކަމަކީ މާތް الله ދެއްވާ އަގުބޮޑު ނިޢުމަތެއް ކަމަށް ހުތުބާގަިއ ބުންޏެވެ.
މީގެ އިތުރުން ބަލި މީހުންނަށް ގޮވާލަން ދިޔުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް ހިމެނޭ ކަމެއް ކަމަށާއި އެއީ ބަލި މީހާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.