ޝާހިދު ވިދާޅުވީ އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނޯންނާނެކަމަށް
އިޒްރޭލާއެކު ރާއްޖެއިން އެއްވެސް ގުޅުމެއް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި އަދި އެ ޤައުމާއެކު އެއްވެސް ގުޅުމެއް ނުވެސް އޮންނާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ "އަދަދު" ނޫހުގެ އެތެރެފުށް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ކުރީ ސަރުކާރުން ދުނިޔޭގެ ބައެއް ޤައުމުތަކާއި އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުތަކާއެކު އޮތް ގުޅުން ހީނަރުކުރައްވާފައި ވަނިކޮށް، މި ސަރުކާރުން އެ ގުޅުންތައް އަލުން ޤާއިމުކުރައްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑު މިހިސާބަތް އާދެވުނުއިރު، ގަތަރާ ގުޅުން ގާއިމުކޮށްފިން، އީރާނާ ގުޅުން ގާއިމުކޮށްފިން، ކުރިން ދެންނެވިހެން ކޮމަންވެލްތާއެކު އަލުން ގުޅުން ގާއިމުކުރިން" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން މިހާރު ގުޅުން ނޯންނާނީ އެންމެ ޤައުމަކާއެކު ކަމަށް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެއީ އިޒްރޭލުކަމަށާއި އެ ޤައުމާއެކު ގުޅުން ނުވެސް ބާއްވަވާނެކަމަަށެވެ.
"އަޅުގަނޑުމެންނާ މިހާރު ގުޅުމެއް ނޯންނާނީ އެންމެ ގައުމަކާ، ގުޅުން ނުވެސް ބާއްވާނެވެސް އޮންނާނީ އެންމެ ގައުމެއް، އެއީ އިޒްރޭލު، އިޒްރޭލާއެކު ގުޅުން ބަދަހިކުރާކަށްވެސް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން، އަޅުގަނޑުމެން އެމީހުންނާއެކު އެއްވެސް ގުޅުމެއްވެސް ނޯންނާނެ، އެހެންނަމަވެސް ދުނިޔޭގަ ދެން ހުރި އެހެން ގައުމުތައް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގުޅުން ބަދަހިކުރަން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ ޤައުމުތަކާއިއެކު ގުޅުން ޤާއިމުކުރުމުގައި ބޮޑަށް އަހައްމިއްޔަތުކަން ދެނީ އިސްލާމީ ގައުމުތަކާއި މި ސަރަޙައްދުގެ ގައުމުތަކާއެކު ކަމަށާއި، ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަކަމުގެ ތުހުމަތުކޮށް ކޮމަންވެލްތުން ވަކިވުމާއި ގަތަރާއި އީރާނާއެކު ގުޅުން ކަނޑާލުންފަދަ ކަންކަން މި ސަރުކާރުން ނުކުރައްވާނެކަމަށެވެ.
"އަޅުގަނޑުމެންނަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ދިމާލަކީ ޔޫރަޕިއަން ޔޫނިއަން، ޔޫރަޕިއަން ޔޫނިއަންއާ ދިމާލަށްވެސް ހިތުހުރިހާ އެއްޗެއް ކިޔަމުން ގެންދިޔައީ" ޝާހިދު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން އެފަދަ ގުޅުންތައް ޤާއިމުކޮށް އިތުރަށް ހަރުދަނާކޮށްފައިވާކަން ފާހަގަކުރައްވަމުން ކުރީގެ ސަރުކާރަށް ޝާހިދުވަނީ ފާޑުވިދާޅުވެފައެވެ.