ޚަބަރު ވިޔަފާރި

އޯޕަންއޭއައި އިން ޖީޕީޓީ-4 ޓާބޯ ތައާރަފްކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މިފަހަކަށް އައިސް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މަގުބޫލުވެފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޗެޓްޖީޕީޓީގެ އައު މޮޑެލެއް އޯޕަންއޭއިން ތަޢާރަފުކޮށްފިއެވެ.

Ads by Hajj Corporation

މައިކްރޮސޮފްޓްގެ އެހީތެރިކަމާއެކު ހިންގާ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް، އޯޕަންއޭއައި އިން ދާދި ފަހުން ވަނީ އެ ކުންފުނީގެ ފުރަތަމަ އިން ޕާސަން އިވެންޓް ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ބާއްވައިފަ އެވެ. މި ހަރަކާތުގައި އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ އޭއައި މޮޑެލް ކަމަށްވާ ޖީޕީޓީ-4 ޓާބޯ ތައާރަފުކޮށްފަ އެވެ. މި އާ މޮޑެލް އަކީ ޗެޓްޖީޕީޓީގެ ކަސްޓަމައިޒް ވާޝަންތައް އުފެއްދުމުގެ ގާބިލުކަން އިތުރުކޮށްފައިވާ މޮޑެލްއެކެވެ.

މި އިވެންޓުގައި އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ ސޮފްޓްވެއާ ބޭނުންކުރާ ކުންފުނިތަކާއި ޑިވެލޮޕަރުންގެ އަގު ހެޔޮކުރިކަންވެސް އިޢުލާނުކޮށްފައެވެ. އެ ކުންފުނިން މިގޮތަށް ކަންތައްކޮށްފައިވަނީ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަ އަދި އަގުހެޔޮ ޚިދުމަތަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޖީޕީޓީ-4 ޓާބޯ މޮޑެލް މިހާރު ޕްރިވިއުގައި ޑިވެލޮޕަރުންނަށް ލިބެން ހުންނާނެ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އާންމުންނަށްވެސް އެ މޮޑެލް ބޭނުންކުރެވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދީފައިވެއެވެ.

އާ އޭއައި މޮޑެލްގައި ހިމެނޭ ބައެއް ކަންކަމަށް ބަލައިލާއިރު، ކޮންޓެކްސް ވިންޑޯ އިތުރުކުރުން ހިމެނެ އެވެ. މި ވަގުތު ބޭނުންކުރާ ޖީޕީޓީ-ފޯ ގައި އިންޕުޓް ކުރެވެނީ 8،000 ޓޯކަން ނުވަތަ ގާތްގަނޑަކަށް 24 ސަފުހާގެ ކޮންޓެކްސްޓެވެ. ނަމަވެސް ޓާބޯގައި 128،000 ޓޯކެން ނުވަތަ ގާތްގަނޑަކަށް 300 ސަފުހާގެ ކޮންޓެކްސްޓް ޕްރޮސެސް ކުރާނެ އެވެ.

މީގެ އިތުރުން މި އައު މޮޑެލް ވެގެންދާނީ އަދާހަމަ މޮޑެލްއަކަށެވެ. މާނައަކީ މިހާރު މި ބޭނުންކުރާ ޗެޓް-ޖީބީޓީގެ ތްރީ ޕޮއިންޓް ފައިވް އަދި ފޯގައި ހިމެނޭ މައުލޫމާތައް ވަނީ ސެޕްޓެމްބަރު 2021 އާއި ހަމައަށެވެ. ނަމަވެސް ޓާބޯ ވަނީ އޭޕްރީލް 2023 އާއި ހަމައަށް އަދާހަމަވެފަ އެވެ.

ޗެޓްޖީޕީޓީގެ ދެ މޮޑެލެއް މިވަގުތު އާންމުންނަށް ބޭނުންކުރެވެ އެވެ. އެއީ ހިލޭ ބޭނުންކުރެވޭ ޖީޕީޓީ ތްރީ ޕޮއިންޓް ފައިވް އަދި މަހު ފީ ދައްކާ އުސޫލުން ބޭނުންކުރެވޭ ޖީޕީޓީ ފޯ އެވެ. ގަބޫލުކުރެވޭ ގޮތުގައި ޓާބޯ މޮޑެލްވެސް ބޭނުންކުރެވޭނީ ފައިސާ ދައްކައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!