ޚަބަރު

ރައީސް ޔާމީން ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ހުކުމްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވ.އާރަށު މައްސަލައާ ގުޅިގެން ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

Ads by MWSC

ޑިސެމްބަރު 25، 2022 ގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވީ 2014 ވަނަ އަހަރު ވ. އާރަށް ދައުލަތުން ކުއްޔަށް ދިންއިރު 1.1 މިލިއަން ރުފިޔާގެ ރިޝްވަތެއް ނަގައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ކުށުވެ. އެ ހުކުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސް ދުވަަހުގެ ތެރޭގައި ދައްކަން ވެސް ކޯޓުން ހުކުމް ކުރިއެވެ.

ޖޫރިމަނާ ފައިސާ ރައީށް ޔާމީން ދައްކަންޖެހިވަޑައިގެންނެވި މުއްދަތު ހަމަވީ ޖޫން 25، 2023 ގެ ނިޔަލަށެވެ. އެ ފައިސާ އެމަނިކުފާނު ނުދައްކަވާކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން އިއްޔެ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމައި ހުކުމްކޮށްފައިވެއެވެ.

މި މައްސަލައިގައި ސިވިލްކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ރައީސް ޔާމީންގެ އާރަށު މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑއަޅަންދެން ނުވަތަ އެނޫން ގޮތަކަށް އަންގަންދެން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވާނަމަ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށާއި، އެ ނޫން ގޮތަކުންވެސް ޖޫރިމަނާ ފައިސާ ހޯދުމަށް ޓަކައި މީރާއިން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް، ޝަރުއީ ކޯޓުތަކަށާއި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި ހައިކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން ނިންމާފައިވަނީ އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމުގެ ތެރެއިން، ޔާމީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއާ ގުޅޭ ބައި ތަންފީޒު ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލަ މި ހިނދަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަލައި ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!