އިސްރާއީލް އާއި ދެކޮޅަށް ހުށަހެޅި ގަރާރު ހުއްޓިފައި އޮތުމުން ސައުދުގެ ކަންބޮޑުވުން
އިސްރާއީލްއާ ގުޅިގެން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 11 ގައެވެ. ސައުދު ވިދާޅުވީ މި ގަރާރު ހުށަހަޅާފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުއްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްޠީނުގައި އިންސާނީ ހައްޤްތަށް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްޠީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކަމަށެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
“މަޖިލިސް ކުރިއަށް ގެންދެވޭނެ. ގާނޫނު އަސާސީއާއި މަޖިލިސް ގަވާއިދު ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ“ ސައުދު ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި އޮތް މައްސަލާގައި ގޮތެއް ނިމިފައިނުވާތީ މަޖިލީހުގެ ގިނަ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.