ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި ކުޑަކުދިންނަށް ދޭ ހުން ބޭހެއްގެ ކޮލިޓީ ދަށްވުމުން ބޭނުން ކުރުން މަނާކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ މާރކެޓުގައި މިވަގުތު ހުރި ކުޑަކުދިންނަށް ދޭ ހުން ބޭހެއްގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވިގެން އެ ބޭސް ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.
ކަލްޕޮލް ޕީޑިއެޓްރިކް ޑްރޮޕްސް ނަމަކަށް ކިޔާ ހުން ކޮންޓްރޯލްކޮށް ތަދުކެނޑުވުމަށް ބޭނުން ކުރާ މި ބޭހަކީ ޕެރެސެޓެމޯލް ޕީޑިއެޓްރިކްސް އޯރަލް ސަސްޕެންޝަންއެކެވެ.
އެމްއެފްޑީއޭ އިން ވިދާޅުވީ، މި ބޭހުގެ ކުލަ ބަދަލުވުމާއި ގަނޑުވެފައި ހުރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.
އެމްއެފްޑީއޭ އިން ވަނީ މި ހަފްތާ ތެރޭގައި އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ކިޔާ ހުމާއި ރޯގާ އަދި ކެއްސުމަށްދޭ ދިޔާ ބޭހުގެ ކެމިކަލްގެ މާއްދާއެއް ހުރުމުން އެ ބޭސްވެސް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.