މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 11:30 އަށް އެޖެންޑާކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ އިތުރު ޖަލްސާއެއް މިއަދުގެ 11:30 އަށް މަޖިލިސް އިދާރާއިން އެޖެންޑާ ކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވާފައެވެ.
އަދި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ ޖަލްސާ ނިންމާފައެވެ.
ނަމަވެސް މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ.
އެޖެންޑާގައި އޮތީ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް ނަޝީދު ވަކިކުރާ މައްސަލައެވެ.