ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

Ads by STELCO

އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިއޮތީ މިއަދު މެންދުރު 02:00 އަށެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ފަށާފައިވީނަމަވެސް، މައްސަލަ ލަސްވެ ދިގުލައިގެންދާތީ އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެންމެ ފަހުން ބާއްވަން ތާވަލުކުރި އަޑުއެހުންތައްވެސް ކެންސަލް ކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދިވަޑައިގަތުމަށެވެ. ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!