ޚަބަރު

ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުމުގެ މައްޗަށް: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ ފަސް އަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވީ، ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް އެރުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރު އައިއިރު ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައަކާއި ނިކަމެތިކަމެއްކަމަށެވެ.

ރައީސް ޞާލިޙް ވަނީ އަލުން ގުޅުން ޤާއިމުކޮށް، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ދިވެހިރާއްޖެއަށް އަލުން އަނބުރާ އިތުބާރާއި ޔަޤީންކަން ހޯއްދެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ ހައިސިއްޔަތުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ޚާރިޖީ ޚިދުމަތުގެ ދާއިރާއަށް މިސަރުކާރުން މުހިއްމު ބަދަލެއް ގެނެސްފައިވާކަމަށާއި އެގޮތުން ސިވިލް ސަރވިސްގައި ނުހިމެނޭ މުޅިން ވަކި ޚިދުމަތެއްގެ ގޮތުގައި، ޚާއްޞަ ޤާނޫނަކުން ބާރު ލިބިދޭ ޚިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސަރވިސް އުފެއްދާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ކޮވިޑް-19ގެ ވަބާ މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ޤައުމުތަކެއް ފުރަބަންދުގެ ޙާލަތުގައި އޮތް އިރު، ޚާރިޖީ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާ އިތުރަށް ތަރައްޤީވެ، ބައިނަލްއަޤުވާމީ މަސްރަޙުގައި ދިވެހި ދިދަ މިހާރަށް ވުރެ ވެސް އުހުގައި ވިހުރެމުން ދިއުމަށް އުއްމީދުކުރައްވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!