ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މާދަމާއަށް ފަސްކޮށްފި

މިއަހަރުގެ ބާކީ ބަޔަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މާދަމާ ކުރިއަށް ގެންދަން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ބުދަ ދުވަހު ކުރިއަށް ގެންގޮސް، އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް 5 މިނެޓް އަދި ރިޕޯޓަށް 2 މިނެޓް ދެއްވުމަށްފަހުގައި، ކޮމިޓީގެ 2 ދުވަހުގެ މަސައްކަތް ހިންގުމަށްފަހުގައި ކޮމިޓީ ރިޕޯޓުގެ މަރުހަލާ ނިންމާ ބަޖެޓް ފާސްކުރުމަށް ހުށަހަޅާފައެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި އެގޮތަށް ފާސްކޮށްފައިވަނީ ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާއެވެ.