ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުގެ ރައީސް އަސްލަމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އައްޔަނު ކުރައްވައިފި އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެ މަނިކުފާނު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. އަސްލަމަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.
މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން އަސްލަމާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއެވެ.
ޖޭއެސްސީގައި އަސްލަމް އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގައި 10 މެންބަރުން ތިއްބަވަންޖެހޭއިރު މިވަގުތު އެ ކޮމިޝަންގައި ތިއްބެވީ ނުވަ މެންބަރުންނެވެ.