ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮވިޑުގެ ތެރޭގައި ކާޑު ހިލޭ ކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތީ, ދައުލަތުގައި ވަޒީފާ އަދާ ކުރާ މީހުންނާއި ދައުލަތުން މާލީ އިނާޔަތްތައް ދެމުންދާ މީހުން ފިޔަވައި ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް ހިލޭ ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުުކޮށްލައިފިއެވެ.

Ads by STELCO

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެއްޅުވި މައްސަލާގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މާލިއްޔަތަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ ސަބަބުން ބަޑުފުރާނަ މުއްތި ކުރުމަށް ދަތިވަމުންދާ ކަން ފާހަގަކޮށް، މި ބަލިމަޑުކަމުން އަރައިގަނެވެންދެން، ދައުލަތުން އިނާޔަތެއް ލިބޭ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށް ދިނުމަށެވެ.

އަދި ކޮވިޑް-19 ގެ ކޮންޓްރޯލް ނުކުރެވި އިތުރު ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި އާންމު ފަރުދުންގެ އާމްދަނީ ލިބޭގެ ގިނަ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓޭނެކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ވެސް ބުނެފައިވެއެވެ.

މި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. އަދި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 24 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!