ޚަބަރު

ރޯދައިގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން އީސީން ހުށަހަޅައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހުގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

Ads by MWSC

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަނުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހުރި ދަތިތައް ކޮމިޓީއާ ހިއްސާކޮށްފައިވާއިރު، ޤާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމަށް 120 ދުވަސް ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި އެކަން އީސީން އަންގަންޖެހެ އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިޚާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމަންޖެހޭއިރު، އެގޮތަށް ބަލާއިރު، މަޖިލިސް އިންތިޚާބާއި ގުޅޭ އެންމެހާ މަސައްކަތްތައް 2024 ގެ އޭޕްރީލް 28 ވަނަ ދުވަހަށް ނިންމަންޖެހޭނެއެވެ.

މިހެން ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ، ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިޚާބަށް ތައްޔާރުވާ ނަމަ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30، އިން ފެށިގެންކަމަށާއި، އިންތިޚާބަށް ކުރިމަތިލާ މީހުންނަށް އެކަމަށް 14 ދުވަހުގެ މުއްދަތެއްދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން، އެ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށްގެންގޮސް ލިސްޓު ތަރުތީބުކޮށް އިޢުލާނުކުރެވޭނީ ފެބްރުއަރީ 17، ވަނަ ދުވަހު ކަމަށާއި، އިޢުލާނުކުރެވޭ މުއްދަތުން ފެށިގެން އިންތިހާބާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާކަމަށެވެ.

އަދި އެ 30 ދުވަސް ދިނުމުން އިންތިޚާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ތާރީހަކީ މާޗް 18، 2024 އަށް ވާއިރު، އެއީ ރޯދަމަހުގެ ނުވަ ވަނަ ދުވަހެވެ. ރޯދަމަހަށް މި ދުވަސްތައް އެޅޭއިރު ދިމާވާ އަނެއް ދަތިކަމަކީ، އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް މާޗް 17، އިން 28 އަށް ބާއްވަން ނިންމާފައިވާތީ އެ ދުވަސްވަރު ވޯޓުލާނެ މަރުކަޒުތައް ހަމަޖެއްސެން ނެތުންކަމަށް ޙަބީބު ފާހަގަކުރެއްވިއެވެ.

މިހެން މިކަންތައް އޮތުން، މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ އެންމެ ފަހު ތާރީޚަކަށް ވެގެންދާނީ މާޗް 30، 2024 ގައިކަމަށްވާއިރު، އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގެ ވޯޓުލުން ބޭއްވޭނީ އޭޕްރީލް 20، ވަނަ ދުވަހު ކަމަށާއި އޭރުން ރަސްމީ ނަތީޖާ އިޢުލާނު ކުރެވޭނީ އޭޕްރީލް 27، ގައި ކަމަށް ޙަބީބު ވިދާޅުވި އެވެ.

އީސީން ޙިއްޞާކުރި ކަންބޮޑުވުންތަކާއެކު އިންތިޚާބު ބާއްވަން ޤާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން އީސީން ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދެ ގޮތެއް ހުށަހަޅާފަ އެވެ.

އެގޮތުން، ފުރަތަމަ ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިޢުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް 9، ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވިގެންދާނެއެވެ.

ދެވަނަ ގޮތަކީ، އިންތިޚާބު އިޢުލާނުކުރަންޖެހޭ ކަމަށް ޤާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އިންތިޚާބު އަވަހަށް ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އީސީން ވިދާޅުވިއެވެ. މި ހުށަހެޅުންތަކާމެދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަދި ވަކިގޮތެއް ނިންމާފައިނުވެއެވެ. ނަމަވެސް އިތުރަށް ބަހުސް ކުރުމަށްފަހު ގޮތެއް ނިންމަން ކޮމިޓީން ނިންމާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!