ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް މި މަހު ފަހުކޮޅު ރައީސް ޑރ. މުޢިއްޒު ދުބާއީއަށް

މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މި މަހު ފަހުކޮޅު ދުބާއީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ކޮޕް 28ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައިވަނީ (ޔޫ.އޭ.އީ)ގެ މިނިސްޓަރ އޮފް ޖަސްޓިސް، ސުލްޠާން ބިން އަވާދު އަލް ނުއައިމީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ވަޑައިގަންނަވާ ކަން ރައީސް އިއުލާންކުރެއްވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައެވެ.
މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.