ރައީސް ޔާމީންގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމަށް އީސީއަށް ފޯމު ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީން ގެ ފަރާތުން ފޯމު ހުށަހަޅަން އިލެކްޝަން ކޮމިޝަން އަށް ހާޒިރުވި ޓީމުގައި އިސްކޮށް ތިއްބެވީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ. މީގެ އިތުރުން ވެސް ޕީޕީއެމްގައި ކުރިން އުޅުއްވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވުމާއި ގުޅިގެންނެވެ.