މަޖިލިސް އިންތިޚާބު ރޯދަމަހަށް ފަހު ބާއްވަން ފާސްކޮށްފި

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތް ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އެގޮތުން މަޖިލިސް އިންތިޚާބު ރޯދަމަހާ ދިމާވާތީ އޮފިޝަލުން ހޯދުމާއި ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެކަމަށް ހައްލެއް ހޯދުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅާފަ އެވެ.
މި މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިޚާބު ބޭއްވުމަށެވެ.
މިގޮތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވިދާޅުވި ގޮތުގައި ރޯދަމަހަށް ފަހު ވެސް ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު އީސީ އަށް ލިބެ އެވެ.
އެހެންކަމުން ރޯދަ މަހަށް ފަހު އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަހަރު މާޗު މަހުގެ 10 ވަނަ ދުވަހެވެ.