ކޮވިޑަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާތަކުން ހާއްސަ ކެމްޕޭނެއް ހިންގަނީ

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑް-19އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.
މި "ޚާއްސަ ކެމްޕޭން" ހިންގަން ނިންމީ، ރާއްޖޭގެ ކޮވިޑް-19ގެ ޙާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެމަގަށް މަސައްކަތް ކުރުމަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ
އެގޮތުން ކޮވިޑް-19އާ ގުޅޭ ޚަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށްވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ޚާއްސަ ކެމްޕޭނުގެ އަމާޒެއްކަމަށް އެ ސެންޓަރުން ބުނެއެވެ.
ކޮވިޑް-19އާ ގުޅޭ މި ޚާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި، އިސްކަންދޭނެ ޚަބަރާއި މަޢުލޫމާތާ ގުޅޭގޮތުން އެޗްއީއޯސީގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި މި ޚާއްސަ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭގޮތަށް ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.
މި ޚާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންކަމަށް އެޗްއީއޯސީން ބުނެއެވެ.