ޚަބަރު

ޕީޖީ ވިދާޅުވަނީ މަންޑޭގެ މައްޗަށް 225 ދަޢުވާ ކުރެވޭނެ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް އެޕާޓްމެންޓްތައް ވިއްކުމުގެ ނަމުގައި މަކަރާ ހީލަތުން ގިނަ ބައެއްގެ އަތުން، އެތައް މިލިއަން ރުފިޔާއެއް ހޯދި، ހަސަން މަމްދޫހު (މަންޑޭ)އަށް 225 ދަޢުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by STELCO
މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގުހުރި ސާމާނުތައް ފުލުހުން މިހާރު ވަނީ ހިފަހައްޓައިފައެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި މިހައޮތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށެވެ.

އިތުރު ދެ މީހުން ހިމެނޭ މި މައްސަލައިގައި، ސައްޙަ ނޫން ލިޔުން އުފެއްދުމުގެ ދަޢުވާ އާއި އޮޅުވައިލުމުގެ ދަޢުވާގެ އިތުރުން ޓެކުމުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގެ ދަޢުވާތައް މަންޑޭގެ މައްޗަށް ކުރުމަށް ވިސްނަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ވަކިން ޓެކުން، ކޮންމެ މީހަކަށް ވަކިން މަކަރާއި ހީލަތް ވީމަ ވަކިވަކި ދައުވާތަކެއް މި ކުރަނީ." އޭނާ ވިދާޅުވިއެވެ.

މި ސްކޭމްގައި 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކާފައިވެއެވެ. ކޮންމެ މީހެއްގެ މައްސަލައަށް ވަކިން ދަޢުވާ ކުރާނެއެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ މަންޑޭ ދިރިއުޅޭ އެޕާޓްމެންޓާއި އެގެއިން ފެނުނު އަގުބޮޑު ސާމާނުތައް ދައްކައިލައިފައެވެ. އޭގެ ތެރޭގައި އަގުބޮޑު އަތް ދަބަހާއި ގިނަ އަދަދެއްގެ ސެންޓާއި، ބޫޓާއި ފައިވާނާއި ގަހަނާ ވެސް ހިމެނެއެވެ. އެ ތަކެތީގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

  1. ޞުކޮރި

    ކަލޭބުނި ތިހެން އަދީބުއޭ ކިޔައިގެންވެސް. ގަޔަށް ލެވުނީ.