މާލޭގައި އެމްޓީސީސީގެ ބަހުގެ ޚިދުމަތްދޭ ރޫޓުތަކަށް ބަދަލު ގެނެސްފި
މާލެ ސިޓީގައި ބަހުގެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން ބަހުގެ ޚިދުމަތްދޭ ރޫޓުތަކުގެ ތެރެއިން، ބަސް ހުއްޓާ ތަންތަނަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ކުންފުނިން ބަހުގެ ޚިދުމަތް ދޭ ރޫޓުތަކުގެ ތެރެއިން R2 (ކާނިވަލް - ހުޅުމާލެ ފޭސް 1)ގެ އިތުރުން ސޯސަން ރޫޓް R8 (ކާނިވަލް - ހުޅުމާލެ ފޭސް 2)ގެ ބަސްތައް ދެން ހުއްޓާނީ އެހެން ތަނަކަށް ކަމަށެވެ.
އެގޮތުން އެ ރޫޓް ތަކުގެ ބަސްތައް މިހާރު ހުއްޓުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ވޮލީބޯޅަ ކޯޓު ދޫކޮށް، ރާޅުގަނޑު މައިޒާން ކުރިމަތީގައި އަލަށް ޤާއިމް ކޮށްފައިވާ ބަސްހުއްޓިއަށް ކަމަށް އެމްޓީސީސީގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
ހަމަ އެހެންމެ އަމީނީ ރޫޓްގެ މިނީ ބަސްތައް ކުރިއެކޭ އެއްފަދައިން މިހާރުވެސް މަޑުކުރާނީ ބީޗް ވޮލީބޯޅަ ކޯޓު ކުރިމަތީގައި ޤާއިމްކޮށްފައިވާ ބަސް ހުއްޓިއަށް ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޓީސީސީން ވަނީ މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ހޮޓްލައިން 1650އަށް ގުޅުމުން މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.