އަސްކަރީ އެއްވެސް ނުފޫޒެއް ރާއްޖޭގައި އޮންނާކަށް ބޭނުމެއް ނޫން، ބޭނުންވަނީ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން: ރައީސް މުޢިއްޒު
އަސްކަރީ އެއްވެސް ނުފޫޒެއް ރާއްޖޭގައި އޮންނާކަށް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ހުރިހާ ޤައުމެއްގެ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބްލޫމްބަރގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް އަސްކަރީ ބޭރުގެ ބަޔަކު ހަރަކާތްތެރިވާން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި އިންޑިއާގެ ވާހަކަ ދެކެވެނީ ރާއްޖޭގައި މިހާރު އިންޑިއާގެ މިލިޓަރީ ސިފައިން ހަރަކާތްތެރިވަމުން ދާތީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“އެހެން ޤައުމެއްގެ ސިފައިން ތިބި ނަމަ އެ ޤައުމެއްގެ ވާހަކަ ވެސް ދައްކާނެ. އަޅުގަނޑު މިހާރުވެސް އިންޑިޔާ ސަރުކާރާއެކު މަޝްވަރާތައް ފަށްޓަވާފައި ވާނީ. އަދި އިންޑިޔާގެ ހައިކޮމިޝަނާއެކު ބައްދަލުވުންތަކެއް ބޭއްވިން” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަދި އެއްވެސް ޤައުމެއްގެ އަސްކަރީ ނުފޫޒެއް ރާއްޖޭގައި އޮންނަން ބޭނުން ނުވާ ކަމަަށާއި އެހެންނަމަވެސް އެހެން ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“އަސްކަރީ އެއްވެސް ނުފޫޒެއް މިތަނުގައި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން އެދެނީ ހުރިހާ ޤައުމެއްގެ އެހީތެރިކަމާއި އެއްބާރުލުން” ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމަށާއި ބޮޑެތި ގައުމުތަކުގެ މެދުގައި ގާތް ގުޅުމެއް އަބަދުވެސް ބާއްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ވަރަށް ކުޑަ ޤައުމެއް ކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް އެއްވެސް ޤައުމަކާއެކީ އޮންނަން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ކޮންމެ މަޝްރޫޢެއްގައިވެސް އެހެން ޤައުމުތަކުން އެއްބާރުލުން ދިނުމަށް. ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔުމަށް” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަބަދުވެސް އިސްކުރައްވާނީ ރާއްޖެ ކަމަށާއި އެހެން ޤައުމުތައް އަންނާނީ އޭގެ ފަހުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
”ޗައިނާއަށް ތާއީދުކުރާ ކަމަށް ބުނެ މީހުން އަޅުގަނޑަށް ވަރަށް ގޯސްކޮށް ލޭބަލް ކޮށްފައި އެބަހުރި” ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެއީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެހެން ޤައުމުތަކުން ފޯރުކޮށްދޭ އެހީއާއި އެއްބާރުލުން އަބަދުވެސް ބަލައިގަންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.