ޚަބަރު

241 ކޮމިޓީގެ މުގައްރިރުކަން ޣަފޫރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރަކަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

241 ކޮމިޓީއަށް މުގައްރިރަކު އައްޔަނު ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ޣަރޫފުގެ ނަން ހުށަހެޅުއްވީ މެންބަރު އިސްމާއީލް އަހުމަދެވެ. ތާއީދު ކުރެއްވީ މެންބަރު އަހުމަދު ސަލީމެވެ.

ޣަފޫރު ކޮމިޓީ މުގައްރިރު ކަމަށް އައްޔަނު ކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

241 ކޮމިޓީގެ ނައިބު މުގައްރިރުގެ ގޮތުގައި އިންނަވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ. މީގެކުރިން 241 ކޮމިޓީގެ މުގައްރިރުގެ ގޮތުގައި އިންނެވީ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަކީ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އޮންނަ ކޮމިޓީއެކެވެ. އެ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާންވާނެ ކަމަށެވެ. އަދި މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހައި ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނާންވާނެ ކަމަށެވެ.

Ads by Allied Insurance
  1. ވަރަށް ރަގަޅު ވަތަނީ ބޭފުޅެއް ! މަރުހަބާ ޢަފޫރު !