ދަރިންނަށް އިސްލާމީ އަޤީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު: ޚުތުބާ

ދަރިންނަށް އިސްލާމީ އަޤީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން" މިއެވެ.
ހުތުބާގައި ބުނެފައިވަނީ އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި, ނުތަނަވަސްކަމާއި, މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާ ކަމަށެވެ. އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންނުވާ މީހުން އަބަދުވެސް ބަލާނީ އެ މީހެއްގެ އަމިއްލަ މަސްލަހަތައް ކަމަށާއި އެގޮތަށް އަމަލުކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއް ކަމުގައިވީ ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ބައެއް މީހުން އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުންދީ ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންކަމަށް އަރައިގަންނަމުންދަނީ ވެސް މިންވަރަށް އީމާން ނުވެވޭތީ ަކަމަށާއި އެހެންކަމުން ދަރިންނަށް އިސްލާމީ އަގީދާ އުނގަންނައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށް ހުތުބާގައި ބުންޏެވެ.
އެ މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނިވެރިންނާއި ތަޢުލީމީ މުއައްސަސާތަކުން ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށާއި މުޖްތަމަޢަށާއި ގައުމަށް ފައިދާކުރުވަނިވި ދުނިޔޭގެ ބާއްޖަވެރިން ކަމުގައި ދަރިން ވާނީ އޭރުން ކަމަށް ހުތުބާގައި ބުންޏެވެ.