ޚަބަރު

ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ފައިސާ އަނބުރާ ހޯދާނަން: އަމީރު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރި 75 ވެންޓިލޭޓަރު ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޚަރަދުތަކުގެ ކޮމްޕްލެޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އަމީރު ވިދާޅުވީ ހެލްތް މިނިސްޓްރީން، އެޤްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަރަކީ ހިންގަމުންދާ ކޮންޓްރެކްޓެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ޚަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމަށެވެ. އަދި މިކަމުގެ އެއްބަސްވުމުގައި ފައިސާ އަނބުރާ ލިބޭނެގޮތްތައް ހިމެނިފައިވާކަމަށެވެ.

"އެގްރީމެންޓްގައި ޑިލޭ ޗާޖުގެ ވާހަކައެބައޮތް. އާބިޓްރޭޝަނަކަށް ހިންގައްޖެނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަންޖެހޭކަމަށް އެގްރީމަންޓްގައި ލިޔެވިފައި އެބައޮތް. އަޅުގަނޑުމެންވެސް މިދަނީ މި ކޮންޓްރެކްޓުގެ އަޕްޑޭޓްތައް ހޯދަމުން. އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަން" އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މާލިއްޔަތު ޤަވާއިދަށް ރިޢާޔަތްކޮށް ހާލަތަށްބަލައި ކުރަންޖެހޭ ޚަރަދުތަށްކޮށްގެން ދައުލަތުން ޞިއްޙީ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ޤާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އެމިނިސްޓްރީން މަސައްކަތްކުރީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ވީއެންމެ އަވަހަށް ވީހާވެސް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވަމުން ފިނެންސް މިނިސްޓަރ އަމީރުވަނީ ދައުލަތުގެ މާލީކަންކަން އެންމެ ރަނގަޅުގޮތުގައިދޭތޯ ބެލުމަށާއި ޚާއްސަކޮށް އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!