ވެންޓިލޭޓަރުތައް ހޯދުމުގައި ފިނޭންސް މިނިސްޓްރީން މަސައްކަތް ކޮށްފައިވާނީ ގަވައިދާ އެއްގޮތަށް: އަމީރު

ވެންޓިލޭޓަރުތައް ހޯދުމުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގައިވައިދުގެ ތެރެއިން ވީއެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޯރު ކޮށްދިނުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޚަރަދުތަކުގެ ކޮމްޕްލެޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ހެލްތް މިނިސްޓްރީން، އެޤްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަރަކީ ހިންގަމުންދާ ކޮންޓްރެކްޓެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މާލިއްޔަތު ޤަވާއިދަށް ރިޢާޔަތްކޮށް ހާލަތަށްބަލައި ކުރަންޖެހޭ ޚަރަދުތަށްކޮށްގެން ދައުލަތުން ޞިއްޙީ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ޤާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ޚަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށެވެ. އަދި މިކަމުގެ އެއްބަސްވުމުގައި ފައިސާ އަނބުރާ ލިބޭނެގޮތްތައް ހިމެނިފައިވާ ކަމަށެވެ.