ޚަބަރު އިޖުތިމާޢީ

ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމެއް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމެއް ފަށައިފިއެވެ.

Ads by STELCO

ފުލުހުންގެ އިދާާއިން މިއަދު ބުނީ "ސްޓްރެސް އެންޑް ޓްރޯމާ އިން ޕޮލިސިންގ'' ގެ ނަމުގައި ފްރަންޓްލައިން ފުލުހުންނަށް އަމާޒުކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތް އެންޑް ވެލްބީންގ އާއި ދަ ވައިބް ޖަމުއިއްޔާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ސިލްސިލާ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ޓީ އެންޑް ޓޯކް" ކޮންސެޕްޓުގެ ދަށުންނެވެ.

މި ޕްރޮގުރާމުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން، ފުލުހުން ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ވުމުގެ މުހިންމުކަން، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ތަހައްމަލްކުރަމުންދާ ތަފާތު ވައްތަރުގެ ޓްރޯމާތައް އަދި އެ ޓްރޯމާއިން އަރައިގަތުމަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް ކިޔައިދީ ތަފާތު އެކި މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ އެންލައިޓް އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓާރުންނާއި ދަ ވައިބް ޖަމުއިއްޔާގެ ފެސިލިޓޭޓަރުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ޑިޕާޓްމަންޓް ހިމެނޭހެން 27 މުވައްޒަފުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.

"ސްޓްރެސް އެންޑް ޓްރޯމާ އިން ޕޮލިސިންގ" ގެ ދަށުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ނަފްސާނީ ދުޅަހެޔޮކަން މޮނިޓަރ ކުރުމަށް ވޯކްފޯސް ހެލްތް އެންޑް ވެލްބީންގ އިން ދަނީ އިތުރު ސެޝަންތަކެއް ހިންގުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މި ޕްރޮގްރާމުގެ މަޤުޞަދަކީ ފުލުހުންނަށް ކުރިމަތިވާ ޓްރޯމެޓިކް ހާދިސާތަކުން ފަސޭހައިން އަރައިގަތުމަށް ދަސްކޮށްދިނުމާއި ފުލުހުންގެ ރެޒިލިއަންސް ވަރުގަދަ ކުރުން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!