ޚަބަރު ސިޔާސީ

ޑަބްލިޔުއެޗްއޯ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ.)ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އުންގޯޒީ އޮކޮންޖޯ އިވެއެލާ އާއި މިއަދު ބައްދަލުކުރައްވައި، ރާއްޖެއާއި ޑަބްލިޔުއެޗްއޯގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޑަބްލިއު.ޓީ.އޯ. އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ ފަންނީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ރާއްޖެއިން އޮތީ އިތުރަށް އެ ގުޅުން ބަދަހިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށްކަން ފާހަގަކުރައްވައިފައެވެ.

އަދި ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މުހިންމުކަމާއި ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޑަބްލިއު.ޓީ.އޯ. ގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޑަބްލިއު.ޓީ.އޯ. ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ 1995 މެއި 31 ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!