ކުޅުދުއްފުށި ސިޓީން ފައިލޭރިއާގެ ވޭދަނަތަކެއް ފެނިއްޖެ
ރާއްޖޭން ނައްތާލާފައިވާ ބައެއްޔެއް ކަމަށްވާ ފައިލޭރިއާގެ ވޭދަނަތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ނެރުނު ބަޔާނެއްގައި ބުނީ، މި ވޭދަނަތައް ފެނިފައި ވަނީ މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ސޮސައިޓި ފޯ ހެލްތް އެޑިއުކޭޝަން އަދި އެންޖީއޯތަކުގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕެއްގެ ތެރެއިން ކަމަށެވެ.
މިގޮތުން ކުރެވުނު ސްކްރީނިންގ ޓެސްޓްތަކުގެ ތެރެއިން ބައެއް ފަރާތްތައް ފައިލޭރިޔާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކޭއާރުއެޗުން ބުނެފައި ވެއެވެ.
މި ވޭދަނަތަކާއި ގުޅިގެން ކޭއާރުއެޗާއި ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ކޭއާރުއެޗުން ބުނީ ފައިލޭރިޔާ ސްކްރީނިންގ ޓެސްޓަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އެކުގައި ދިރިއުޅޭ ފަރާތްތަކުގެ ޓެސްޓްތައް ހެދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ސްކްރީނިންގ ޓެސްޓުން ޕޮޒިޓިވް ވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަޤީންކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށާއި ފައިލޭރިޔާ ހުރިކަން ޔަޤީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެއްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ކޭއާރުއެޗުން ބުނީ މި ވޭދަނަ ތަކުގައި ފައިލޭރިޔާއަށް ފައްސިވެފައިވާ ފަރާތްތަކަކީ އަދިވެސް ފައިލޭރިއާ ބަލި އުޅޭ ޤައުމުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ ބައެއް ކަމަށެވެ.
ފައިލޭރިޔާ އާއްމުކޮށް ފެތުރެނީ ހަޑިފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީޢާއިންނެވެ. މިއީ ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރިޔާއި ތަފާތު މަދިރިއެކެވެ.
އެހެން ކަމުން ކޭއާރުއެޗުން ވަނި ފައިލޭރިއާއިން ރައްކާތެރިވުމަށް އަޅަންހުރި ފިޔަވަޅުތައް އަޅާ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.