ޖޭޕީން މަޖިލިސް ޓިކެޓަށް ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީން ބުނީ އަންނަ އަހަރު މެމްބަރުން އިންތިހާބުކުރާ 93 ދާއިރާ އަށް ވާދަކުރާނމެ ކަމަށެވެ. އެހެންވެ ޖޭޕީގެ ޓިކެޓްގައި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުހެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކައި ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ގިނަ ޕާޓީތަކުން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.
މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަދި އޮތީ ކަނޑަނޭޅި އެވެ.